Saturday, October 17, 2009

My Life

ޤަބުރުސްތާން
------------

މި ބްލޮގަށް މިނަންކިޔުނީ ކިހިނެތްވެގެންބާވައޭ! މީ އަހަރެންގެ ރައްޓެހީން ކުރާ ސުވާލެކެވެ.
އަހަރެން ދެނީ އާދައިގެ ޖަވާބެކެވެ. ވިސްނޭކަހަލަ ޖަވާބެކެވެ. ކުރު ޖަވާބެކެވެ.
ކޮންމެ މީހަކުވެސް ކޮންމެވެސް ދުވަހަކު ގެންދެވޭނެ ތަނަކަށް ވާތީއޭ ބުނެ ފުއްދާލަނީއެވެ.
އެކަމަކު ޙަޤީޤަތުގައި އެ ޖަވާބު އަދި މުޅިން ފުރިހަމައެއް ނޫނެވެ.

އަހަރެންނަކީ އެހެންމީހުންގެ ޙަޔާތުގައި ދިމާވެފައި ހުންނަ އެކިއެކި ކަންތައްތައް
ވަރަށް ގިނައިން އަހާ އޮޅުންފިލުވާހިއްވާ މީހަކީމެވެ. ދުނިޔެއަށް ލޯހުޅުވުމަށްޓަކައެވެ. ދަސްކުރުމަށްޓަކައެވެ.
އަހަރެންގެ ޙަޔާތުގައިވެސް ނުވަތަ ރައްޓެއްސަކަށްވެސް އެކަހަލަ ޙާލަތެއް ކުރިމަތި ވެއްޖެނަމަ
ރަނގަޅު ޙައްލެއް ހޯދައިދިނުމަށެވެ. ކަންތައް ދެންވެދާނެ ގޮތެއް ކިޔާދިނުމަށް އެހީއަކަށެވެ.

ކުރުކޮށް ބުނާނަމަ މި ބްލޮގް ހެދުމުގެ މައިގަނޑު ބޭނުމަކީ
އަހަރެން ޤަބުރުސްތާނަށް ދާންވާ ދުވަހާ ހަމައަށް އަހަރެންގެ ޙަޔާތުގައި
ހިނގަމުންދާ ކަންތައްތަކާ ރައްޓެހީންގެ ތަޖުރިބާތަށް ލިޔުމަކުން ތިޔަ ލޮބުވެތި ފަރާތްތަކަށް ގެނެސްދިނުމެވެ.
ދޮގެއްނޫންތާއެވެ. އަހަރެންވެސް ކޮންމެވެސް ދުވަހަކުން 'މި' ޤަބުރުސްތާނަށް ދާންޖެހޭނެއެވެ.

އަހަރެންގެ ޙަޔާތުގެ ޞަފްޙާތަށް އެހެން މީހުންނަށް ކިޔާދޭން ބޭނުމެވެ.
ޞަފްޙާއަކަށް ފަހު ޞަފްހާއެކެވެ. މުޅީން ވާހަކައެއްގެ ސިފައިގައެއްވެސް ނޫނެވެ.
ޑައިރީއެއްގެ ސިފައިގައެއްވެސް ނޫނެވެ. އެކަމަކު މުހިންމު ކަންތައްތައް 'ޓައިމްލައިން' އަކުން
އަންނަގޮތަށް އެހެންމީހުންގެ 'ޕްރައިވަސީ' އަށް އިޙްތިރާމް ކުރަމުންނެވެ.

އަސްލު ބޭނުންވަނީ ތަންކޮޅެއް މަޖާގޮތަކަށް މިވާހަކަތަށް ކިޔާދިނުމަށެވެ.
ކިޔުންތެރީންގެ ފާޑުކިޔުންތަކަށް މަރުޙަބާކިޔަމުންނެވެ.
ޢެކަމަކު ފަށާނީ ކިހިނެތް ހެއްޔެވެ؟ ކޮން ހިސާބަކުން ހެއްޔެވެ؟ ކޮންމެއަކަސް ފަށަން ޖެހޭނީ
އަހަރެންވެސް ފެށުނު ހިސާބުންތާއެވެ. ކުރިޔަށް ވަޑައިގަންނަމާ ހިނގާށެވެ!

އަހަރެން އުފަންވީ މީގެ 25 އަހަރާ 6 މަހާ 8 ދުވަސް ކުރީންނެވެ.
މަންމަގެ ބަނޑުގައި 9 މަހާ 6 ދުވަހު އޮތުމަށް ފަހުގައެވެ.
އެކަމަކު އަހަރެން ދުނިޔޭގެ އަލިކަންދުށީ އޭގެ ހަފްތާއެއް ފަހުންނެވެ!!!
ވިހެއިއިރު އަހަރެންގެ ވާތުފައި އޮތީ އިނދިފުށައް އެނބުރިފައެވެ!!

ޢާންމު ކަންތައްތަކެވެ. އެއްވެސް ވަރަކަށް ހާސްވެ ނުލައްވާށެވެ.
މަންމަ ތެޔޮދަމައި ހެދުމުން ވާތުފައި ތަންކޮޅެއް ވަރުގަދައޭވެސް ބައެއްފަހަރު ހިތައް އަރައެވެ.
ވާނީވެސް އެހެންތާއެވެ. މިހާރުވެސް މީނީ ކަނާތުފައި ފުރޮޅާލައިގެން ގާޑު އަޅައިގެންނެވެ.
ދުވަހަކުވެސް އަދި ވައަތު ފަޔަށް އެކަހަލަކަމެއް ވެފައެއްނެތެވެ.

********* ދެންއަންނަ ހަފްތާއަކަށް އިންތިޒާރު ކޮށްލައްވާށެވެ****************


No comments: