Saturday, January 24, 2009

ނުވަސަތޭކަ ނުވަދިހަ ނުވައެއް


999 ކެވެ.



ތިމާ ބޭނުންވެއްޖެނަމަ...

އުފަލާ ހިތްހަމަޖެހުން ހޯދުމަކީ، އުނދަގޫކަމެއްނޫނެވެ.

ތިމާ ބޭނުންވެއްޖެނަމަ....

ހިތާމަޔާ ހިތްދަތިކަމުގެ ޝިކާރައަކަށް ވުމަކީ އަދި މާފަސޭހަކަމެވެ.



ހުރިހާ ބްލޮގް ތަކަކުންވެސް ފެންނަނީ އެއް މަޢްޟޫޢެކެވެ.

ޚަބަރުތަކުންނާ ޓީވީ ޕްރޮގްރާމްތަކުންވެސް އިވެނީ އިންސާނީ އާފާތްތަކުގެ އަޑެވެ.

މުޞީބާތްތަކުގެ ވާހަކައެވެ.

އެކަމަކު ޙަޔާތަކީ ހަމައެކަނި 'ބީ އެންޑ ޑަބްލިއު' ޞަފްޙާތްކެއްނޫނެވެ.



އެންމެންވެސް ބުނަނީ ބިޒީ ކަމަށެވެ.

ކުރަންޖެހޭ ކަންތައްތައްކުރަން ވަގުތުނޯއްނަ ވާހަކައެވެ.

ރައްޓެހީންނާއި ޢާއިލާއާ ބައްދަލުކޮށްނުލެވޭ ވާހަކައެވެ.

މީ މުޅިޔަކުން 'ހޮޅި' ވާހަކަތަކެކޭވެސް ބުނެވޭކަށް ނެތެވެ.


ނޫނެކެވެ. ނިކަން އަދި ވިސްނާލަބަލާށެވެ.

އުފަލާ ހިތްހަމަޖެހުމަކީވެސް ހިތުގެ އިޙްސާސެކެވެ.

އެ އިޙްސާސް ތިބާގެ ހިތުން ނުހޯދޭނަމަ ދެން އެހޯދާނީ ވަކި ކޮންތާކުން ހެއްޔެވެ؟

ހިތްހަމަޖެހުން ލިބޭނީ ކޮންގޮތަކުން ހެއްޔެވެ؟



އަޅެ އަހަރެން ބުނާގޮތެއް ހަދާފާނަން ހެއްޔެވެ؟

ހިތްހަމަޖެހުން ހިތައް ތަޞައްވަރު ކޮށްބަލާށެވެ.

އުފާވެރިކަމުގެ މެސެޖް ސިކުނޑިއަށް ފޮނުވަބަލާށެވެ. ދެން ހިނިތުންވެބަލާށެވެ.

އަޅެ ނިކަން ހިނިތުންވެ ބަލާށެވެ. އުފާވުމަކީ އެހާ އުނދަގޫ ކަމެއްނޫނެވެ.



ހިތުގައި ހިނގާ މޮޅިވެރިކަމުގެ ޚިޔާލްތައް ދުރައްޖައްސާލާށެވެ.

ރަޙްމަތްތެރިކަމުގެގުޅުންތައް ބަދަހިކުރަމާ ހިނގާށެވެ.

ޙަޔާތާމެދު މާޔޫސް ނުވާށެވެ.

ގޮތްހުސްވާކަށް އަދި ގާތްވެސް ނުވެއެވެ.


*************

Wednesday, January 21, 2009

އިންތިޒާރު




އަދިވެސް އުންމީދުކުރަމެވެ




އުޅެއުޅެ ތިޔަ ހަނދާންތަކާ ދުރަކަށް ނުދެވުނެވެ.

ފުމެފުމެ ހިތުގައި އަނދާ ޖަޒްބާތުތައް ނިއްވައެއްވެސް ނުލެވުނެވެ.

ނުބުނެ ނުހުރެ ނިކަން ރިޕްލައި ކޮށްބަލާށެވެ.

ހުރެހުރެ ކަލާނުލިބި މިއަޅާގެ ހަތަރެސްފައިގައި މިވަނީ ކަސްތަޅު އެޅިފައެވެ.




ފުރަމޭގައި ތިޔަހަނދާންތައް ތަތްވެ ކުރަލާންފަށައިފިއެވެ.

ބުރިބުރިކޮށް ހަފައި ކަލާގެ ހަނދާންތައް ޑައިޖެސްޓް ކޮއްލަންވީހެއްޔެވެ.

ތުރުތުރު މިހިތް އަޅަނީ ތިޔަ ލޯބިލޯބި މަންޖެގެ އިންތިޒާރުގައެވެ.

ކުރު ދެޖުމްލައަކުން މިއަޅާގެ ހިތް އުފާކޮށްލައި ދެއްވާށެވެ.




މުޅި ރޭގަނޑު މި ހޭދަވަނީ ކަލާގެ ހަނދާންތަކުގައެވެ.

ގުޅިޔަސް ކަލާ ފޯނެއްވެސް ނުނަގަމު ނޫންހެއްޔެވެ.

ރުޅި ކަލާ ތިއަންނަނީ ކީއްވެގެންހެއްޔެވެ. ރުޅި ނާންނާށެވެ.

ހުޅިޔެއް ތިހާރީތި މި ޔުނިވާރސް އަކުން ނުދެކެމެވެ.




ބުޅިބުޅި ތިޔަ އިސްތަށިގަނޑު ސިފަކޮށްދެނީ ކޮންއެއްޗެއް ކަމެއްވެސް ނޭނގެއެވެ.

ފުޅީ ތުނބެއްކަހަލަ ތުންފަތުގެވެރި އޭންޖަލް އެވެ.

ތުއި ނުވެ މަށަށް އުންމީދެއް އާކޮއްލަ ދީބަލާށެވެ.

ކުޅިތަކެއް ނުކުޅެ ބަސްއަހައިގެން އަންނާށެވެ.



*******************

Monday, January 19, 2009

ނިމުނީއެވެ



މިހާހިސާބުން ނިމުނީއެވެ


ހިތް މިވަނީ ފިސްވެފައެވެ.

މޭ ޗިސްޗިސްވެފައެވެ.

ގިސްލަ ގިސްލާ ކަޅުކަޅި ވެއްޓެން ކައިރިވެފައެވެ.

ބަސްހުއްޓި މީހާމުޅީން ގޮތްހުސްވެފައެވެ.



ކަލާ އަހަރެން ދޫކޮށްލާފައި ތިޔަ ދިޔައީ ކީއްވެގެން ހެއްޔެވެ؟

އަލާ ފިލާވަރު ހަދާނުދެވުނީ ހެއްޔެވެ؟

ދަލާލޭ އޮހޮރުވައި ކަލާ އުފަލުގައި ގެންގުޅެވޭތޯ އަހަރެން ބެލީމެވެ.

ބަލާއެކޭ ބުނެ ދައްބަނޑުގައި ކޮޅުފައިންޖަހާފައި ވަކިވެގެން ހަމަ ތި ދިޔައީހެއްޔެވެ؟



އަންހެނުންނަކީ ދެމިވަރަކަށް ދެމޭ ބަންނަރަބަރެއް ކަހަލަ އެއްޗެކޭ ބުނާތީ އެހީމެވެ.

ނަންނުގައްޖައްވުރެ ފަސޭހައިން ހަނިދޭތެރެއިން ދެމޭ އެއްޗެކޭ ބުނާތީވެސް އެހީމެވެ.

ކަންކޮށްފައި ނަންނުވަން މަސައްކަތް ކުރާނޭ ބުނާތީވެސް އެހީމެވެ.

ކަންމިހެންއޮތަސް، ކަލާތީ އެބުނާކަހަލަ ސޫއްޕެއްކަމަކަށް މިއަޅާ ޤަބޫލެއް ނުކުރަމެވެ.



ރަންފެނި އަނެއްކާ ކަލާވެސް ހޭބަލި ވީހެއްޔެވެ؟

'އަން' ކިޔާފައި 'ހެން' ނުކިޔަސް ތި ހުރިހާ އެއްޗަކީ،

ފެންވަރުން އެކައްޗެއްކަން މިއަދު އަޅާޔަށް އެނގިއްޖެއެވެ.

ދެން އިތުރު ވާހަކައެއް ދެއްކުމުގެ ބޭނުމެއް އޮތްކަމަކަށް ނުދެކެމެވެ.


************************************

Tuesday, January 13, 2009

ތެލުގެ އަގު އިންތިހާޔަށް ބޮޑެވެ


ތެލުގެ އަގު މާބޮޑެވެ.




ތިޔަމަލެއްގެ ޖާދޫގައި ޖެހި ހިތް ހަލާކުވާން ގާތްވެއްޖެ އެވެ.

ޅިޔައެޅި މި އަޅާގެ ޖިސްމު ހަލާކުވެދާނެއެވެ.

ބިޔަ ފުރާޅެއްކަހަލަ މަލާއެވެ.

ހިޔަފަހަރު ނުބުންޏަސް ކަލާގެ ހިޔާވަހިކަމުގެ ދަށަށް މިއަޅާ ވައްދާދޭށެވެ.



ފުރަތަމަފަހަރު ކަލާ ފެނިލުމުންވެސް

ފުރަމޭގައި ހީބިހި ނަގައިގެން ދިޔައެވެ.

ކުރެހުމަކުންވެސް ކަލާގެ ކޯތާފަތުގައި ހުރިވަރަށް ކުލައެއް ފެނިފައެއް މިއަޅާނެތެވެ.

ބުރަމަސައްކަތް ކޮށްގެންވެސް ކަލާޔާ ވައިއެޅެން ބޭނުމެވެ.



ހުދު ރީތި ރިޔަލެއްފަދަ ކަމަނާއެވެ.

ކުރުމުއްދަތަކަށްނަމަވެސް ކަލާގެ ރިޔަލުގައި ވައިއަޅުވާލަދިނުމުގެ އިޛްނަ

ފުރަތަމަ ނިކަމެތި އަޅާޔަށް ދެއްވާށެވެ.

އޮޑި ދުވަންޏާވެސް އެނގޭނީ އޭރުންތާއެވެ.



ދެން މިހެން އާދޭހުގެ ގުލްޒާރެއްގައި ވިނަކޮށަން ހުންނަންވީތޯއެވެ.

ފެންފޮތީން ޖިސްމު އެކީއެކައްޗަކަށް ފެންލެވިދާނެއެވެ.

ކެއްނުކުރެވިގެންގޮސް 'ދެންނުވާނޭ' ބުނާހިސާބަށް ކަންތައް ހިނގައިދާނެއެވެ.

ބެންކުން ލޯނުނަގައިގެންވެސް ކަލާޔަށް ގަނޑުވަރެއް ބިނާކޮށް ދޭނަމެވެ.

'އާނ' ބަސް ބުނެދެއްވާށެވެ. ކީ ރާގަކަށް ލަވަ ހަދާދޭނަމެވެ.



ދުއްޕާނާ ވޭނުން މިއަޅާ ނުރޮއްވާށެވެ.

ފުއްޕާމޭގެ ޝިކާރައަކަށް މިއަޅާ ވެދާނެއެވެ.

ރަކިކޮށްކޮށް އަޅާގެ ހަތަރުއަނގޮޅި ބައްދާނުލާށެވެ.

ވަކިރީތި ދެވަނަ އެއްޗެއް ކަލާ ފިޔަވައި މި ބިންމައްޗަކު ނެތެވެ.

ހުސްއަތާހުރެ މިއަޅާ މިހިރަ ނިމި ހިނގައި ދަނީއެވެ.



ކަލާގެ ސޫރަ އަޅާގެ ހިތުގައި ވަކި ހިއްޕާލައިފިއެވެ.

އަލާނުކެނޑި ހަނދާނުގައި އިންނަތާ ދޮޅުއަހަރު ވަނީއެވެ.

ކަލާގެ ޖަވާބަކަށް އިންތިޒާރުކޮށްކޮށް ގޮސް މީނދަ ހުލިވަނީއެވެ.

ރަލާ، ދުމާ ދުފުމާ އާދަޔަކަށް ވެއްޖެއެވެ.

މި ކިހާބޮޑު ބަލާވެރިކަމެއް ހެއްޔެވެ؟



ޖިސްމު ނެތިގެންގޮސް ހަފުސްވެޔޭ ކިޔާއަޑު ކަލާ އަހަމު ހެއްޔެވެ.

ފިސްވެ ވިރާނާވެ، މިއަޅާ މީނދީ މިހާރު އެހެންވެފައެވެ.

ކިސްމަތުގައި ހުރިގޮތް ކަންނޭނގެއެވެ.

ލިސްޓުކޮށްފައިނެތް އެންމެ ގުނަވަނެއްވެސް މިހާރަކު ނެތެވެ.

އެހެންނަމަވެސް ހިތްކީ ވަރެއް މިއަޅާ ދުލެއްނުކުރަމެވެ.



ފީ ކުކުޅެއްފަދަ އަޑުރީތި ކަމަނާއެވެ.

ބިސްމަޅިދުއްވައިގެން ނަމަވެސް ކަލާ ހޯދާނަމެވެ.

މީ ހިތް ބުނާ އެއްޗެކެވެ.

ޖިސްމަކު އެހާ ދަމެއް މިހާރަކު ނެތެވެ.



ކުރުނޫން ދިގު އިންތިޒާރެއް މިހާރު ކަލާޔައްޓަކައި ކުރެވިއްޖެއެވެ.

ބުރުނީން ފުރައި ތުރުކީއަށް ކަލާދިޔަޔަސް ދެންހެވެވެ.

ބުރިންދުންއަރުވަމުން ކަލާފަހަތުން ދެން ދުއްވޭކަށް ނެތެވެ.

ބޭހަށްވުރެ ތެލުގެއަގު މިހާރު ބޮޑެވެ!


*****

Monday, January 12, 2009

ޚިޔާލު



އިނދިކީލި ޚިޔާލު ނުގެންގުޅޭށެވެ.



އަހަރެންނަށް ބުނަން ނުކެރުނީއެވެ.

ހިސާބަށްވުރެ ބޮޑަށް އަހަރެން ޖެހިލުންވީއެވެ.

އަގުބޮޑު އެއްޗެއް ގެއްލިދާނެ ކަމުގެ ބިރައްޓަކައެވެ.

އެކަމަކު އަހަރެން ދޮގެއް ނުހަދަމެވެ.



އަހަރެންނަށް ބުނަން ނުކެރުނީއެވެ.

ހަނުހުރުމަކީ، ދޮގުހެދުން ކަމުގައި ވާނަމަ...

ފަސްޖެހެވުނީ ދެންވާނެގޮތެއް ޚިޔާލަށްގެންނަށް އުނދަގޫވީމައެވެ.

އެހެންމީހުން އިނދިކީލި ޚިޔާލު ގެންގުޅެފާނެކަމަށް ނުވިސްނުނީއެވެ.



އަހަރެންނަށް ބުނަން ނުކެރުނީއެވެ.

އަމިއްލައަށް ފިނޑި ވެވުނީއެވެ.

ރައްޓެހީން ގެންގުޅުމަކީ ގޯހެއްކަމަކަށް ޤަބުލެއް ނުކުރަމެވެ.

ދެން ރައްޓެއްސެއްގެ ގާތުގައި ބުނަންޖެހިލުންވީ ކީއްވެގެން ހެއްޔެވެ؟



އަހަރެންނަށް ބުނަން ނުކެރުނީއެވެ.

އަޑުއަހާމީހާގެ ރައްދު އަންނާނެގޮށް ނޭނގޭތީ ފަސްޖެހެވުނީއެވެ. އެކަމަކު...

އަދި ވަޤުތު ފާއިތުވީ ކަމަކަށް ޤަބޫލެއް ނުކުރަމެވެ.

ފަހުން ބުނެލަން އިހަށް މަޑުޖައްސާލީއެވެ.


******