Sunday, December 28, 2008

ކަލާއަށްޓަކައެވެ




ފުރަތަމަ އަހަރެން ކަލާ ދުށީ ކަލާގެ ޢުމުރުން ދެވަނަދުވަހުގައެވެ

ބޯ ޖަންގަލި ތެރެއިންނެވެ.

ފުރަތަމަވެސް އަހަރެންބޭނުންވީ ހަމައެކަނި ކަލާއެވެ.

މަންމަ ފައްސާލަން ދުއްވައިގަތް ހަނދާނެއް ނުނެތޭނެއެވެ.



ހުރެވުނީ ކޮންތާކު ކަމާމެދަކު އެއްވެސް ފިކުރެއްނެތެވެ.

އަހަރެންހުރީ އެއައްވުރެ ބޮޑަށް ކަލާ ބޭނުންވެފައެވެ.

ސިކުނޑީގެ ޙާލަތުވެސް ދަށީ ތޯއްޗެކެވެ.

މޫގަނޑެއްގަ އަޅައިގެންފަ ވެއްޓުނު ތަނުގެ ލަކުނު އަދިވެސް ހުރީ ރޯކޮށެވެ.



ހުރިހާ އެންމެން އެކި ދިމާދިމާއަށް ގޮސް ފިލީއެވެ.

އެކަމަކު ކަލާގެ ސްޓޫޕިޑް ކަމުން ކަމެއް ނޫނީ އެހެން ކަމަކުން ކަމެއް ނޭނގެއެވެ.

ގޮސްހުސްވެފައިވާ ފާޑަކަށް އަހަރެންނާ ދިމާއަށް ބަލަން އިނދެ

ހިމަހިމަ ތޫލި އަޑަކުން ރޯލަރޯލާ ކަލާ އިނީއެވެ.



އެދުވަހުއްސުރެ ކަލާއަކީ އަހަރެންގެ މިލްކެކެވެ.

އަހަރެންގެ އަތުން ކެއުމަށް ކަލާ އިންކާރު ކުރުމުން

އަހަރެން ގަދަކަމުން ކަލާ ފެންއެތީގެ ތެރެއަށް ކޮއްޕާލާ ހަނދާން

ކަލާގެ ހިތުން ފިލައިގެން ނުދާނެކަންވެސް އަހަރެންނަށް އެނގެއެވެ.



ކަލާ ކިޑްނެޕް ކޮއްގެން އަހަރެން ކަލާ ގެނައީ

ހަމައެކަނި ކަލާގެ ރައްކާތެރި ކަމަށްޓަކައެވެ.

އުދުހޭ ކާޅުތަކުގެ ޝިކާރައަކަށްވުމަކަށް ދޫކޮށެއް ނުލެވޭނެއެވެ.

އަދި ނުލަފާ ކުދިން ކަލާއަށް ހާނިއްކަ ކުރަން ދޫކޮށްލާނީ ކިހިނެއްހެއްޔެވެ.



އެކަމަކު ކަލާ އަހަރެންގެ ބަހެއް ނޭހީމު ނޫންހެއްޔެވެ.

އެހެން ޗިކަން ފިޔޮއްތަކެކޭ އެއްފަދައިން

ކަލާވެސް ބޭނުންވީ މިނިވަން ވާށެވެ.

އަހަރެންގެ އެކަނިވެރިކަމާމެދު ކަލާ އެއްވެސް ސިމްޕަތީއެއް ނުވަމުއެވެ.


Monday, December 15, 2008

ހާދަ ހިތްދަތިވެއެވެ



ހާދަ ހިތްދަތިވެއެވެ.



ތިބާގެ ހަނދާނުގައި އަބަދަށް، ގެނބޭ އިރުގައި ޖަވާބުނެތަސް

ލިބޭތޯ ހިތުގެ ކިސްތީގަނޑު، ކެނބޭތީ ހާދަ ހިތް ދައްޗޭ

* * * * * *


ޗިޗީއޭ ބުނެ ހަޖޫ ޖެހިޔަސް، ރިޗީ މަ ނުވީމަ ސޮއް ގޮވިޔަސް

ބިޗާރީވެވި މަ ނިމިދާއިރު، ބަޗާށޭބުނެ ނުރޮއްވައްޗޭ


ޗަނބޭލީއާ ގުލޭނޫރަން، ހިބައިން ދެވެން ނެތަސް ރަތުރަން

ލިބޭތޯ ލޯބިވާ ދިޔުމުން، އެބޭށޭބުނެ ނުރޮއްވައްޗޭ


މިލޯބީގައި އުފާނެތުނަސް، ދެލޯބިވެރީން ކަމަށް ނުވިޔަސް

ހެލޯއޭބުނެ ގޮވާލީމާ، މަލާއޭ! އެނބުރި ލައްވައްޗޭ


ޙަޔާތުގެނާ އޮޔާދާއިރު، ވަޔާ ރާޅާވެ ނިމިދާއިރު

މަޔާއިނަކަސް އެހީގެ އަތެއް، ކޮޔާއޭ ދިއްކުރައްވައްޗޭ




**********

Wednesday, December 10, 2008

**** ހުޅުވާލުން ****


އަނެއްކާވެސް ބޮލޮގެއް ހުޅުވާލީމެވެ. ކުރާނީ ކީއްހެއްޔެވެ. ކުރާނެ ނުކުރާނެ ކަމެއް ނޭނގެއެވެ. ޙަޔާތުގެ މިޞްރާބު ގެއްލި މުރިނގުން ބުއްދި ކައްސާލާފައިވާ ދުވަސްކޮޅެކެވެ. މިފަދަ ދުވަހެއް ދެއްކެވުމަށް ފުރާނަ އަޅުއްވައި ސިކުނޑިއަށް ތެތްކަމެއް ދެއްވާފައިވާ އެއްވެސް އިންސާނަކު ނޭދޭނެއެވެ.


ކުއްލިޔަކަށް ސިސްސައިގެން ދިޔައީ ބަރު އަޑަކުން މީހަކު އަހަރެންގެ ނަން ގޮވާލީމައެވެ. ވިސްނި ވިސްނުން ހުއްޓުވާލީއެވެ. ލިޔަންއިން ގަލަން ދޫކޮށްލައި، އިށީނދެއިން އަދަރާދު ގޮނޑިން ފޫކޮޅު ހިއްލާލީމެވެ. ކަކުލަށް އެނގުންވެލައިގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. އިއްޔެވެސް ކުޅެންފެށީ އެއްވެސްވަރަކަށް ސްޓްރެޗް ނުކޮށެވެ. ތަންތަނަށް ތަދުވިޔަސް އެކަމު މީދެން ފުކެއް ބޮޑުވަރެއްތާއެވެ.


އަދުމީ ހުކުރެވެ. މާދަމާ ހޮނިހިރެވެ. އޭގެ އަނެއްދުވަސްވާނީ އާދީއްތަ ދުވަހަކަށެވެ. އޭޕްރީލް މަހުން 09 ވާނީ ބުރާސްފަތި ދުވަހަކަށެވެ.


ބްލޮގްހުޅުވާލީ ކޮންބޭނުމެއްގައިކަން ހާމަކޮށްލާން ވާނެތާއެވެ. މިހެންދެން ކުރާނެކަމެއް ނުކުރާނެކަމެއް ނޭނގި ހޭދަކުރަން ޖެހިފައިވާ ދުވަސްތައް، އެކިދުވަހު ވާ ކަންތައްތައް ދިވެހިބަހުން ލިޔުމަށް ތިރިކުރެވޭތޯ ބްލޮގްކުރިޔަށްދާވަރަކަށް ބަލަމުން ގެންދާނަމެވެ. ވަކި އަނެއްހެން ކިޔާނެ މީހަކު ބަލައިކޔާނެ ކަމަށް ލިޔާ ބޭކާރު ލިޔުމެއް މީ ނޫނެވެ. އެކަމަކު އޮއްޓަރުހުރި ތަފާތު ލިޔުނަތަކެއް މިބްލޮގްގައި ހިމަނާލެވޭތޯ ބަލާނަމެވެ.

* * * * * * * * *