Saturday, October 17, 2009

My Life

ޤަބުރުސްތާން
------------

މި ބްލޮގަށް މިނަންކިޔުނީ ކިހިނެތްވެގެންބާވައޭ! މީ އަހަރެންގެ ރައްޓެހީން ކުރާ ސުވާލެކެވެ.
އަހަރެން ދެނީ އާދައިގެ ޖަވާބެކެވެ. ވިސްނޭކަހަލަ ޖަވާބެކެވެ. ކުރު ޖަވާބެކެވެ.
ކޮންމެ މީހަކުވެސް ކޮންމެވެސް ދުވަހަކު ގެންދެވޭނެ ތަނަކަށް ވާތީއޭ ބުނެ ފުއްދާލަނީއެވެ.
އެކަމަކު ޙަޤީޤަތުގައި އެ ޖަވާބު އަދި މުޅިން ފުރިހަމައެއް ނޫނެވެ.

އަހަރެންނަކީ އެހެންމީހުންގެ ޙަޔާތުގައި ދިމާވެފައި ހުންނަ އެކިއެކި ކަންތައްތައް
ވަރަށް ގިނައިން އަހާ އޮޅުންފިލުވާހިއްވާ މީހަކީމެވެ. ދުނިޔެއަށް ލޯހުޅުވުމަށްޓަކައެވެ. ދަސްކުރުމަށްޓަކައެވެ.
އަހަރެންގެ ޙަޔާތުގައިވެސް ނުވަތަ ރައްޓެއްސަކަށްވެސް އެކަހަލަ ޙާލަތެއް ކުރިމަތި ވެއްޖެނަމަ
ރަނގަޅު ޙައްލެއް ހޯދައިދިނުމަށެވެ. ކަންތައް ދެންވެދާނެ ގޮތެއް ކިޔާދިނުމަށް އެހީއަކަށެވެ.

ކުރުކޮށް ބުނާނަމަ މި ބްލޮގް ހެދުމުގެ މައިގަނޑު ބޭނުމަކީ
އަހަރެން ޤަބުރުސްތާނަށް ދާންވާ ދުވަހާ ހަމައަށް އަހަރެންގެ ޙަޔާތުގައި
ހިނގަމުންދާ ކަންތައްތަކާ ރައްޓެހީންގެ ތަޖުރިބާތަށް ލިޔުމަކުން ތިޔަ ލޮބުވެތި ފަރާތްތަކަށް ގެނެސްދިނުމެވެ.
ދޮގެއްނޫންތާއެވެ. އަހަރެންވެސް ކޮންމެވެސް ދުވަހަކުން 'މި' ޤަބުރުސްތާނަށް ދާންޖެހޭނެއެވެ.

އަހަރެންގެ ޙަޔާތުގެ ޞަފްޙާތަށް އެހެން މީހުންނަށް ކިޔާދޭން ބޭނުމެވެ.
ޞަފްޙާއަކަށް ފަހު ޞަފްހާއެކެވެ. މުޅީން ވާހަކައެއްގެ ސިފައިގައެއްވެސް ނޫނެވެ.
ޑައިރީއެއްގެ ސިފައިގައެއްވެސް ނޫނެވެ. އެކަމަކު މުހިންމު ކަންތައްތައް 'ޓައިމްލައިން' އަކުން
އަންނަގޮތަށް އެހެންމީހުންގެ 'ޕްރައިވަސީ' އަށް އިޙްތިރާމް ކުރަމުންނެވެ.

އަސްލު ބޭނުންވަނީ ތަންކޮޅެއް މަޖާގޮތަކަށް މިވާހަކަތަށް ކިޔާދިނުމަށެވެ.
ކިޔުންތެރީންގެ ފާޑުކިޔުންތަކަށް މަރުޙަބާކިޔަމުންނެވެ.
ޢެކަމަކު ފަށާނީ ކިހިނެތް ހެއްޔެވެ؟ ކޮން ހިސާބަކުން ހެއްޔެވެ؟ ކޮންމެއަކަސް ފަށަން ޖެހޭނީ
އަހަރެންވެސް ފެށުނު ހިސާބުންތާއެވެ. ކުރިޔަށް ވަޑައިގަންނަމާ ހިނގާށެވެ!

އަހަރެން އުފަންވީ މީގެ 25 އަހަރާ 6 މަހާ 8 ދުވަސް ކުރީންނެވެ.
މަންމަގެ ބަނޑުގައި 9 މަހާ 6 ދުވަހު އޮތުމަށް ފަހުގައެވެ.
އެކަމަކު އަހަރެން ދުނިޔޭގެ އަލިކަންދުށީ އޭގެ ހަފްތާއެއް ފަހުންނެވެ!!!
ވިހެއިއިރު އަހަރެންގެ ވާތުފައި އޮތީ އިނދިފުށައް އެނބުރިފައެވެ!!

ޢާންމު ކަންތައްތަކެވެ. އެއްވެސް ވަރަކަށް ހާސްވެ ނުލައްވާށެވެ.
މަންމަ ތެޔޮދަމައި ހެދުމުން ވާތުފައި ތަންކޮޅެއް ވަރުގަދައޭވެސް ބައެއްފަހަރު ހިތައް އަރައެވެ.
ވާނީވެސް އެހެންތާއެވެ. މިހާރުވެސް މީނީ ކަނާތުފައި ފުރޮޅާލައިގެން ގާޑު އަޅައިގެންނެވެ.
ދުވަހަކުވެސް އަދި ވައަތު ފަޔަށް އެކަހަލަކަމެއް ވެފައެއްނެތެވެ.

********* ދެންއަންނަ ހަފްތާއަކަށް އިންތިޒާރު ކޮށްލައްވާށެވެ****************


Saturday, July 18, 2009

ބަލިޙާލުގައިވި ބައްފައެއްގެ ކެކުޅުން


ބަލިޙާލުގައިވި ބައްޕައެއްގެ ކެކުޅުން



ދެން އެހީތެރިވާނެ މީހަކު ނެތްމެޔޭ............................ ގެންދެވުން މިފުރާނަ ވަގުތުން އެދެވެޔޭ

ބޭނުމެއްނޫނޭ މިހެން އޮންނާކަށެއް............................. ވޭނުގައި ކަރުނުން ދެލޯ ފުރެމުން ދެޔޭ

ޅަފަތުގައި ތަޢްލީމުދީ ހެދުމުން މިއީ........................... އުފަލުގައި ބޮޑުކުރިދަރީން ހެދިގޮތްމެޔޭ

އަތްފައިން ޙަރަކާތްމަގޭ ކެންޑިދިޔަފަހުން..................... އަތްމަތީން އުފުލާނެ މީހަކު ނުވިމެޔޭ

ފެންނަހެން ދާއިރު ހިނގައިފައި ދޮރުމަތީން................... އެންމެނަށް ބަލި އެނދުމަގޭ ދައްކާނެޔޭ

ބޭރުމީހަކު އަޑުއަހައިގެން ވަދެލިޔަސް......................... އޭރުއަދި ރޯ އަޑު ދަރިޔަކަށް ނީވެޔޭ

ފެންފޮދެއްބޭނުންވެގެން ގޮވިޔަސް މަގޭ ...................... އެންމެކުޑަ ދަރިފުޅު މެނޫނީ ނާދެޔޭ

ކޮންމެ ހަފުތާއެއްގެވެސް ހޮނިހިރު ދުވަހު..................... ކޮންމެވެސް ކުއްޖަކު އައިސް ބަދެލާނެޔޭ

މަންމަޔަށް ދެފަހަރު ގޮވާލާފާ ހެމުން ........................ ވަންނަތަން ގޮސް ކޮޓަރިއަށް ފެނިފާވެޔޭ

ކާފަދަރިފުޅު ޙާލުޙާލުން މަޑުމަޑުން .......................... ކާފައޭ ބުންޏަސް ދުރަށް ޖައްސާނެޔޭ

ތާއަބަދު އެނދުގާ ބަލިވެ އޮންނަންވުމުން ................... މާ އަދަކު އަނތްބެއްގެ ރަޙްމެއް ނުހުރެޔޭ

ޖާނުގައި ވަރުހުރިދުވަހު ގާތަށް އައިސް....................... ވާނުވާބެލި އެކަކުވެސް އަދު ނާދެޔޭ

މުޅިމުދާ ދީގެން ބަލަން މީހަކު ގެނެސް ..................... އުޅެއެކަންވާނޭގޮތެއްވެސް ނުމެވިޔޭ

ދުޝްމިނުންނަށް އާޢިލާ އެކުގާވުމުން......................... ގޮސްއެމީހާ ދެންފަހުން ނުމެ އައިމެޔޭ

ޣަރުޣަރާގެ އަސަރު އައިސް ނޭވާހޮޅިން....................... ކަރުތެރަށް އެބަ މަރުގެރަހަ ފޭދޭ މެޔޭ

رَبـَّـنَـا يـا رَبـَّـنَـا فَـغْـفِرلَـنَـا ................................. ދެއްކެވުން ތެދުމަގު ދަރީންނަށް އެދެވެޔޭ



***********




= ޔޫސުފް އަލިފުޅު=

Monday, June 22, 2009

Sleeping Beauty



ދެން އޯކޭ! ފައިން



ހާދަހާ ގަދަ ނިންޖަކުން ނިދިފައި މިރޭ ތިޔަ އޮންނެވޫ

ހާދަވަރަކަށްގުޅިފަހުންނޭ ފޯނުވެސް ތިޔަ ނެންގެވޫ



ފޯނު ނުނަގާ ލަސްވަމުންދާ ކޮންމެފަހަރަކު ހީވަނީ

ފޯނު ރިންގް ކަނދާލުމަށްފަހުގައިހެނޭ ތިޔަ އޮންނެވޫ



ވާގޮތެއް ނޭނގޭކަމުން ދެންހަމަ ޚިޔާލަށް އަންނަނީ

ހާގޮވާ އަޑުވެސް ނެތީހޭ؟ ލޯބި ތިޔަދެން އޮންނެވޫ




*******



Friday, June 12, 2009

މީކިހިނެތްވާ ކަމެއްހެއްޔެވެ




މީކިހިނެތްވާ ކަމެއްހެއްޔެވެ.

---------------------------------------------------------------------------




ވަރަށް ޚާއްޞަ ވެއްޖެއެވެ.

ވަރަށްގާތްވެސް ވެވިއްޖެއެވެ.

މިހާރު އަހަރެންނަށް މި ކުރެވެނީ ހާދަހާ އާދަޔާޚިލާފު އުފާވެރި އިޙްސާސެކެވެ.

އެކަމަކު މިދެމެދުގައި ހާދަ ދުރުމިނެއް އެބަވެއެވެ.

ނަމަވެސް މި އިޙްސާސްކުރެވެނީ ގާތްކަމެވެ.

އަހަރެންގެ މި އެކަނިވެރިކަން ހިނިތުންވަމުން ނަށަމުން އެބަދެއެވެ.

މިއީ ކޮންކަހަލަ ޖާދޫއެއް ބާވައެވެ.

އަހަންނަށް މިވަނީ ކީއްބާވައެވެ.





ހަމަހިމޭންވެފައި ހުރި ބައެއް އިޙްސާސްތައް ހޭލައިފިއެވެ.

މިއީ ކޮން މޫސުމެއް ހެއްޔެވެ.

މިކުރެވެނީ ކޮން އިންތިޒާރެއްބާވައެވެ.

މި ހަމަހިމޭންކަމުގެ މާނައަކީ ކޮބައިހެއްޔެވެ.





އަހަރެންމިހުރީ ދުލުން ބުނާނެއެއްޗެއްވެސް ނޭނގިފައެވެ.

އެކަމުގައި ކަލާގެ އެއްވެސް ކުށެއްނެތެވެ.

އަހަރެންގެ ހިތަށް އެހިތް ކަހަލަ އެހެންހިތެއް ފެނުނީއެވެ.

ދެން އެހިތް އަހަރެންގެ ހިތް ބަލިކޮށްލައިފިއެވެ.

އެކަމަކު މިބަލިވުން ކާމިޔާބީއެއްގެ ގޮތުގައި މިބެލެވެނީ ކީއްވެބާއެވެ.

މި ހިތަކީ އެހެންޏާ ދުވަހަކުވެސް ބަލި ޤަބޫލުކުރި ހިތެއްނޫނެވެ.

މިހާވަރަށް ބޭޤަރާރު މިވީ ކީއްވެބާއެވެ.





މީ އަނެއްކާ ލޯބި ނޫންބާވައެވެ!

***********