
ދެބަސްވުންތައް މަދުކުރާނީ ކިހިނެތް؟
ދެބަސްވުންތަކަށްވެސް މަރުޙަބާ ކިޔާށެވެ.
ހަނދާންކުރާށެވެ. ހުރިހާކަމެއްގައި ދެމީހުން އެއްޚިޔާލެއް ހުށަހަޅާނަމަ އޭގެތެރެއިން އެކެއްގެ ބޭނުމެއްނެތެވެ. ކަމެއްގައި ތިމާއަށް ކުރީން ވިސްނިފައިނެތް ކަމެއް ވިސްނައިދީފިނަމަ އެކަމަށްޓަކައި އޭނާޔާ ދެކޮޅުހެދުމުގެ ބަދަލުގައި ޝުކުރު އަދާކުރާށެވެ. ކަމަކާ ދެމީހުންގެމެދުގައި ދެބަސްވުމަކީ ބޮޑު ގޯހެއްހެދުމުގެކުރީން އެކަން އިޞްލާޙް ކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްގެ ގޮތުގައި ދެކޭށެވެ.
ރުޅިކޮންޓްރޯލް ކުރާށެވެ.
ތިމާ ހިތްހަމަނުޖެހޭ ކަމެއް ހަމަ ދިމާވާއިރަށް އެންމެ ފުރަތަމަވެސް ރުޅިއައިސް ހަޅޭއްލަވައިގަތުމަކީ، ބޭނުންކަމެއް ނޫނެވެ. އަބަދުވެސް ހަނދާން ކުރާށެވެ. މީހާގެ ޝަޚްޞިއްޔަތުގެ ކުޑަބޮޑުމިން ކަނޑައަޅަނީ އޭނާ ރުޅިއަންނަ ކަންތައްތަކުގެ ކުޑަބޮޑުމިނުންނެވެ.
ފުރަތަމަ އަޑުއަހާށެވެ.
ތަފާތު ޚިޔާލެއް ހުށަހެޅުމަށް އަނެކާއަށްވެސް ފުރުޞަތު ދޭށެވެ. ބުނަން އުޅޭވަހަކަ ނިންމާލުމުގެ ޖާގަ ދޭށެވެ. ދެކޮޅުހަދައި ވާހަކަ މެދުކަނޑާލުމުން ހައްތަހާ ހަމަނުޖެހުން އިތުރުވާނީއެވެ. ޚިޔާލުތަފާތުވުންތަކަށްވެސް ރައްޓެހި މާޙައުލެއް ހޯދައިދޭށެވެ. ފަހަރެއްގައިވެސް ދެކޮޅުވެރިކަމުގެ ފާރުތައް އުސްނުކުރާށެވެ.
އެއްބަސްވެވޭ ކަންތައްތަކާމެދު އަވަހަށް އެއްބަސްވާށެވެ.
ބޮޑެތި ކަންތައްތަކާ އެންމެން އެއްބަސްވުމަކީ ނުވެދާނެކަމެކެވެ. ފުރަތަމަ ދެފަރާތް އެއްބަސްވެވޭ ކަންތައްތަކާއިމެދު އެއްބަސްވާށެވެ. އަދި ޚިޔާލް ތަފާތު ކަންތައްތައް ހުރިކަމަށްވެސް އެއްބަސްވެ އެ ކަންތައްތަކާމެދު މަޝްވަރާކުރާށެވެ.
ދެބަސްވާކަންތައްތަކާމެދު ފަހުން ވިސްނާނެކަމުގެ އިތުބާރު ދޭށެވެ. އަދި އެކަންކަން ރަނގަޅަށް ދިރާސާ ކުރާށެވެ.
ފަހަރެއްގައި ދެވަނަމީހެއްގެ ޚިޔާލު ތިމާގެ ޚިޔާލަށްވުރެ ރަނގަޅުވުމަކީވެސް އެކަށީގެންވާކަމެކެވެ. ތިމާގެ ބަހަކީ ފަހުބަސް ކަމުގައި ހެދުމުގެ ބަދަލުގައި ދެފަރާތަށްވެސް ވިސްނާލުމަށް ވަގުތުބޭނުންވާނެއެވެ. ނޫންނަމަ ކަމެއްދަމެއް ގޯސްވުމުން "އަހަރެން ކުރީންވެސް ތިވާހަކަ ބުނީމެންނުހޭ. އޭރު އަޑު ނޭހީ ނޫންހޭ!" މިހެން ބުނުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
އިނދިކޮޅު ޚިޔާލް ހުށަހަޅާމީހާއަށްވެސް ޝުކުރުއަދާކުރާށެވެ.
ކަމަކާއިމެދު މީހަކު ތިބާޔާ ޚިޔާލްތަފާތުވެ އެކަމުގެ ވާހަކަ ދައްކަނީ ތިބާޔެކޭ އެއްފަދައިން އެފަރާތަށްވެސް އެކަމެއް މުހިންމުވީމައެވެ. އެއީވެސް ކަންތައްތައް ފުރިހަމައަށް ކުރުމަށްލިބޭ ބާރެއްގެ ގޮތުގައި ދެކޭށެވެ. މިގޮތަށްހެދުމުން ދެކޮޅުވެރިކަން އިސާހިތަކު އެކުވެރިކަމަށް ބަދަލުވެދާނެއެވެ.
އެހާއަވަހަށް ފަހު ނިންމުން ނުނިންމާށެވެ.
އެންމެ ފުރަތަމަ ތިމާގެ ޚިޔާލަށް އަންނަގޮތަކީ ފަހު ނިންމުންކަމުގައި ނުހަދާށެވެ. ނިންމާ ނިންމުތަކުގައި އަނެކުންވެސް ޙިއްޞާވުމުގެ ފުރުޞަތު ދޭށެވެ. އޭރުން އެކަމެއް ކުރުމުގައި އަނެކުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެއެވެ. އެހެންމީހަކު އަމިއްލަ އަމިއްލައަށް ނިންމާކަމެއް ތިމާކުރަންޖެހުމުން ހިތް ނުތަނަވަސް ވޭ ނޫންހެއްޔެވެ؟

2 comments:
nice article. is this a translated version or your own ?
thanks...
Partly translated.. Read "HOW TO WIN FRIENDS AND INFLUENCE PEOPLE, DALE CARNEGIE, 1982" (PAGE 120)
Post a Comment